އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުއްވީތީ އުފާކުރައްވާ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް ވަރުގަދަކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބޮޑުވަޒީރު މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 9:15 އެހާކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސެވި ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ރައީސް މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އާއި ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުން ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު އެއަރޕޯޓަށް ވަޑައިގެން ދެއްވި މަރުހަބާއިން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަން އާ ހަރުފަތަކަށް ގެންގޮސް ވަރުގަދަކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި މިއަދާއި މާދަމާ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމާއި، ރައީސް މުއިއްޒާއެކު ބާއްވަވާ މަޝްވަރާތަކާއި، ރާއްޖެއާއި އިންޑިއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހުކުރެއްވުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ "އިންޑިއާ އައުޓް" ކެމްޕޭނެއްގެ ތެރެއިން ކަމަށްވީ ނަމަވެސް، މިހާރު އިންޑިއާއާއެކު އޮތް ގުޅުން ރަނގަޅުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.


