މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ކަނޑައަޅާފައިވާ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) 7.5 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފިއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މި ބަދަލަކީ އޮކްޓޯބަރު 2024 ގައި އެމްއާރްއާރް 10 އިންސައްތައިން 7.5 އިންސައްތައަށް ދަށްކުރުމަށްފަހު، ބޭރު ފައިސާގެ އެމްއާރްއާރްއަށް ގެނެވުނު ފުރަތަމަ ބަދަލެވެ. އެހެންނަމަވެސް، ދިވެހި ރުފިޔާގެ ރިޒަރވް ރިކުއަރމަންޓް ވަނީ 10 އިންސައްތައިގައި ހިފަހައްޓާފައެވެ.
އެމްއެމްއޭ އިން މި ބަދަލު ގެނެސްފައިވަނީ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. މި ބަދަލުގެ ސަބަބުން ބޭންކުތަކަށް ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދޫކުރުމަށް ލިބިގެންދާނެކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އެމްއާރްއާރް އަކީ ބޭންކިންގ ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުން ގެންގުޅޭ ވަޞީލަތެކެވެ. މިގޮތުން ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި އެ ބޭންކެއްގެ ޖުމުލަ ޑިޕޮސިޓްތަކުގެ ތެރެއިން، ކަނޑައެޅިފައިވާ މިންވަރެއް ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހެއެވެ.


