އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފިއެވެ.
މިއަދު ހެނދުނު 9:15 ގައި ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން އެއަރޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރަސްމީކޮށް ބޮޑު ވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު ރަސްމީ ފާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބޮޑު ވަޒީރު މޯދީގެ މި ދަތުރުފުޅުގައި މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން، ރާއްޖެއާއި އިންޑިއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް ރަސްމީކޮށް އިފްތިތާހުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ރައީސް މުއިއްޒާއެކު ބައްދަލުވުންތަކެއް ބާއްވަވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ބޮޑު ވަޒީރު މޯދީ ވަނީ އެކްސްގައި ހިއްސާކުރައްވާފައެވެ.
މި އަހަރަކީ ރާއްޖެއާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާއިރު، މި މުނާސަބަތުގައި ރާއްޖޭގެ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ޝަރަފެއް ކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވެފައިވެއެވެ.


