އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު އަނބުރާ ރާއްޖެއަށް ގެނެސްފި އެވެ. ފުލުހުން މިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހު ރޭ މާލެ ގެނެސް މޯޗަރީއަށް ލާފައިވާ ކަމަށެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަށް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހުގައި އޭނާ ދިރިއުޅުނު މާހިޔާގެއިން އެވެ. އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށް ފެނުނީ އަބްދުއްރަހުމާން މަރަށް ތެޅެނިކޮށެވެ. އެވެ. އަދި އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް އެ ރޭ ފަތިހު ވަނީ މަރުވެފައެވެ.
ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީ އިރު، އަބްދުއްރަހްމާން ދިރިއުޅުނު މާހިޔާގެ އާއި އެ ގެ ހުންނަ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ތަހުގީގު ކުރަމުންދެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް ފުލުހުން ނުބުނެއެވެ.


