Tuesday, 28 July 2026

މަގޫދޫގެ ތަރައްޤީގެ މަޝްރޫޢުތައް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ: ރައީސް

ނ. މަގޫދޫގެ ތަރައްޤީއަށް ރާވާފައިވާ ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މަގޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި އެރަށަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް މަސައްކަތްކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، މަގޫދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު މިހާރުވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވިފައެވެ. މީގެއިތުރުން، ސިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަޝްރޫޢު ދެހަފްތާގެ ތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކުރެވި، އަމަލީ މަސައްކަތް ފެށޭނެކަމަށާއި، މަރުކަޒަށް އިތުރު މުވައްޒަފުން ހަމަޖައްސައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ރަށުގެ ތަޢުލީމީ ދާއިރާއަށް ބަލާއިރު، ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސެޕްޓެމްބަރު މަހު ސްޓާފްރޫމާއި ކްލާސްރޫމްތައް އިތުރުކުރުމުގެ މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި، ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސެޕްޓެމްބަރު މަހު ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *