އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަކީ ވަރަށް އުފާވެރި އަދި އެހާމެ މުހިއްމު ދަތުރުފުޅެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ ހަމައެކަނި ސިމްބޮލިކް ދަތުރުފުޅެއް ނޫނެވެ. ސަބަބަކީ މިއީ ރާއްޖޭގެ މިނިވަންކަމުގެ 60 އަހަރީ ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ބައިވެރިވެ ވަޑައިގަންނަވާ ދަތުރުފުޅެއް ކަމަށް ވާތީއެވެ.
"މިއީ ވަރަށް މުހިންމު ދަތުރުފުޅެއް. އެއީ ފަހަކަށް އައިސް ރިޔާސީ އިންތިޚާބުގައި މިހާރުގެ ސަރުކާރުން ގެންގުޅުނު ވާހަކަތަކުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުމަށް އައި ނޭދެވޭ އަސަރުތަކަށްފަހު މި ދަތުރުފުޅު އައުމަކީ މުހިންމު ކަމެއް،" ޝާހިދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އިންތިޚާބުގެ ތެރޭގައި ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައިވާ އިންޑިއާއާ ދެކޮޅަށް ރޭވިގެން ފަތުރާފައިވާ ނަފްރަތުގެ ވާހަކަތަކަށް ފަހު، މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ވަޑައިގަތުމަކީ، އެ ވާހަކަތަކަކީ ތެދެއް ނޫންކަން މިހާރުގެ ސަރުކާރުން ޢާންމުކޮށް ޤަބޫލުކުރާކަން ދައްކުވައިދޭ ކަމެކެވެ.
"ދިވެހި ރައްޔިތުން ވަރަށް އުފާކުރޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް އިންތިޒާރުކުރަނީ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް،" ޝާހިދު ވިދާޅުވިއެވެ.


