ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް މިހާރު އެއްކޮށް ނިމި، މިނިވަން ދުވަހު ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ އޮޕަރޭޝަންތައް ފެށުމުގެ ގޮތުން ހަދަންޖެހޭ ފުލް ޓްރަޔަލްތަކެވެ. މި ޓްރަޔަލްތަކުގައި އާ ޓާމިނަލްގައި ބޭނުންކުރާ ހުރިހާ ސިސްޓަމްތަކާއި މެޝިނަރީޒްތަކުގެ އެންމެ ފަހުގެ ޓެސްޓުތައް ހެދުމުގެ އިތުރުން، އަލިފާނުގެ ހާދިސާއަކާ ގުޅޭ އެކްސަސައިޒެއް ވެސް ވަނީ ބޭއްވިފައެވެ.
"ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު މި އޮތީ ފުރިހަމައަށް ނިންމާލެވިފައި،" ލަމްއާން ވިދާޅުވިއެވެ. އަދި އާ ޓާމިނަލް ހުޅުވުމަށް މުވައްޒަފުން ކުރަމުންދާ ފަހުރުވެރި މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.
އާ ޓާމިނަލް ހުޅުވުމުން ރާއްޖެ އަންނަ އެއާލައިންތަކާއި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.


