Tuesday, 28 July 2026

އިންޑިއާގެ އެހީތެރިކަން ނުލިބޭނަމަ ރާއްޖެ މިހާރު އޮންނާނީ ބަނގުރޫޓުވެފައި: ނަޝީދު

އިންޑިއާއިން އެކިގޮތްގޮތުން އެހީތެރިނުވާ ނަމަ ރާއްޖެ މިހާރު އޮންނާނީ ބަނގުރޫޓުވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިފަދައިން ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާގެ އޭޝިއަން ނިއުސް އިންޓަނޭޝަނަލަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އިންޑިއާއިން ކޮންމެ ކަމެއްގައި ވެސް ވަގުތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމުގެ ސަބަބުން ޑީފޯލްޓަކަށް ނުގޮސް ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް އެހީތެރިވެދީފައިވާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ހަމައެކަނި ސަރަހައްދީ ގުޅުން ދެމެހެއްޓުމަށް އިންޑިއާއިން ދޭ ސަމާލުކަމެއް ނޫންކަމަށާއި، ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީ ގުޅުންތަކުގެ ވަރުގަދަކަން ވެސް ކަމުގައި ވިދާޅުވިއެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބާރަށް އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ އެއް ގައުމުކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އިންޑިއާގެ ބަދަލުވަމުންދާ އިގްތިސާދީ މިސްރާބުތަކާ އެއްހަމައެއްގައި ރާއްޖެ އޮތުމަށް، އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުން ފަހި ފުރުސަތުތަކެއް ފޯރުކޮށްދޭ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މަޝްވަރާކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެފަދަ އެއްބަސްވުމަކުން ޝިޕިންގ އާއި ލޮޖިސްޓިކްސްގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ ގިނަ ދާއިރާތަކުން ވިޔަފާރީ ގުޅުންތައް ބަދަހިކުރެވި، ދެގައުމުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނަޝީދުގެ ވެރިކަމުގައި އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އިންޑިއާއާއެކު ބަދަހި ގުޅުމެއް ބާއްވާފައިވާ ކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *