Tuesday, 28 July 2026
ފޮޓޯ: ވިޒިޓް މޯލްޑިވްސް

ވ. އަތޮޅު ޝިޕްރެކް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

ވ. އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު، ޝިޕްރެކް ފަރުން ނެއްޓިގެން އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޤައުމީ ދިފާޢީ ބާރުން އިއްޔެ އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިކަމާ ގުޅޭގޮތުން ނެރުނު އިންޒާރުގައި ބުނެފައިވަނީ، މި ބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވ. އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ. އަދި ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފަރާތްތަކުން އިތުރު ސަމާލުކަމެއް ބެހެއްޓުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ވ. އަތޮޅުގެ ޝިޕްރެކަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތަނެކެވެ. އަދި އެ އަތޮޅުގެ ރިސޯޓުތަކާއި ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށަށް މި ޝިޕްރެކުގެ ސަބަބުން އިޤްތިޞާދީ ގޮތުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާ ތަނެކެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ކުރި ގަދަ ވިއްސާރައިގެ ސަބަބުން މި ބޯޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެ ގެއްލުންތަކުގެ ސަބަބުން މިހާރު ވަނީ ފަރުން ނެއްޓި، އޮޔާދާން ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *