ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށް މި މަހުގެ 25 އިން 26 އަށް ރާއްޖެ ވަޑައިގަންނަވާ މޯދީ، މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން ރައީސް މުއިއްޒާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ވަނީ އިޢުލާންކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް ރަސްމީކޮށް އިފްތިތާހުކުރެއްވުމުގެ އިތުރުން، އެމްޑީޕީގެ އިސްވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށް ވަނީ އެނގިފައެވެ. މި ދަތުރުފުޅަކީ ފަހަކަށް އައިސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އައުމުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވެފައިވަނީ، މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒާއެކު ބާއްވަވާ މަޝްވަރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.


