ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ޚިދުމަތަށް ނަގާ އަގު، މާލެއަށްވުރެ ބޮޑުތަނުން ބޮޑުކަމަށް ބުނެ، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ޑރ. ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުން ކަރަންޓާއި ފެނުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ކޮމާޝަލް ރޭޓުތަކުގެ ސަބަބުން އަތޮޅުތަކުގެ ވިޔަފާރިތަކަށް އެކަށީގެންނުވާ މާލީ ބުރައެއް އުފުލަން ޖެހިފައިވެއެވެ. މިގޮތުން ފެން މީޓަރެއް ރީލޮކޭޓު ކުރުމަށް މާލޭގައި 850 ރުފިޔާ ނަގާއިރު، އަތޮޅުތެރޭގައި މި ޚިދުމަތަށް 2,200 ރުފިޔާ ނަގާކަން ފާހަގަކޮށްފައިވެއެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކަރަންޓު ބިލުން 301-500 ޔުނިޓަށް، މާލޭގައި ޔުނިޓަކަށް 3.65 ރުފިޔާ ނަގާއިރު، އަތޮޅުތެރޭގައި 6 ރުފިޔާ ނަގައެވެ. އަދި ފެނުގެ ޚިދުމަތް ގުޅައިދިނުމަށް މާލޭގައި 3,187.84 ރުފިޔާ ނަގާއިރު، އަތޮޅުތެރޭގައި 5,000 ރުފިޔާ ނަގާކަމަށް ވެއެވެ.
މި ތަފާތުކުރުމުގެ ސަބަބުން ރަށްރަށުގައި ހިންގަމުންދާ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، މިކަން މިގޮތަށް ދެމިގެންދާނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވުމުގެ ނުރައްކާ އޮތްކަމަށް ޑރ. ޝަމްހީދު ވަނީ އިންޒާރު ދެއްވާފައެވެ.


