Tuesday, 28 July 2026

ރައީސް ޑރ. މުއިއްޒު ނ. އަތޮޅަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ހާލު ބައްލަވާނެއެވެ.

ދަތުރުފުޅުގެ ތެރޭގައި ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ޕޮލިސް ޕޯސްޓް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމާއެކު، ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކުގެ މަސައްކަތްވެސް ފައްޓަވައިދެއްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ބުރާސްފަތި ދުވަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *