ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު (ޤާނޫނު ނަންބަރު 2025/13) ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ 11 އޮގަސްޓު 2025 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށް މަސައްކަތްކުރާ އިދާރާއެއް ޤާއިމުކުރުމެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ގެ ނަމުގައި އައު އިދާރާއެއް އުފެދިގެންދާނެއެވެ. މި އޮފީހުގެ ކަންކަން ބެލެހެއްޓުން ހަވާލުކުރެވިފައިވަނީ އިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާއަކަށެވެ. އަދި މި އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.
ޤާނޫނުގައި ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ މަޤާމަށް މީހުން ޢައްޔަނުކުރުމާއި ވަކިކުރުމުގެ އުސޫލުތަކާއި، މަޤާމުގެ ޝަރުޠުތަކާއި، މަސްއޫލިއްޔަތުތަކާއި ބާރުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި، ރަޖިސްޓްރާރގެ ނިންމުންތަކާމެދު ޢަމަލުކުރާނެ ގޮތްވެސް މި ޤާނޫނުގައި ހިމަނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.


