Tuesday, 28 July 2026

ސްކޭމް ލިންކް މެދުވެރިކޮށް ގޫގުލް އެކައުންޓް ހެކްކުރުމުގެ މައްސަލަތައް އިތުރުވަނީ

ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

މި ސްކޭމް ލިންކްތަކަކީ ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ ލިންކްތަކެއް ކަމަށާއި، އެ ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން އަންގާ ކަމަށް ސައިބަރ ކްރައިމް ސެންޓަރުން މަޢުލޫމާތު ދެއެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ފާހަގަކުރާ ގޮތުގައި، މި ލިންކްތަކަށް ލޮގިންވުމުން އެކައުންޓުގެ ޕާސްވޯޑު ސްކޭމް ކުރާ ފަރާތްތަކަށް ލިބިގެންދެއެވެ. އެހެންކަމުން މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ގޫގުލް އެކައުންޓުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން އެކްޓިވޭޓް ކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ފުލުހުންގެ ޚިދުމަތުން އާންމުންނަށް އަންގާފައިވާ ގޮތުގައި، ގެދޮރުވެރިޔާ ޕޯޓަލްއަކީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށާއި، އެ ޕޯޓަލުން ވަކި ލިންކެއް ނުފޮނުވާނެ ކަމަށް ވެސް ވަނީ އަންގާފައެވެ. އަދި މިފަދަ ލިންކެއް ލިބިއްޖެނަމަ 911 އަށް ގުޅައި އެ މައްސަލަ ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *