ރާއްޖޭގައި ޑޮލަރު ލިބުމުގެ ދަތިކަން އިތުރުވެ، ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރަމުންދާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރުމަށް އެމްޑީޕީން މިއަދު އެދިއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ގަވަރުނަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނު އިންސާފުވެރިކަމާއެކު ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރުގެ ކަޅުބާޒާރެއް އުފެދި، ވިޔަފާރިތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ހޯދުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
މި ސިޓީގައި އިތުރަށް ފާހަގަކޮށްފައިވަނީ، މިހާރުގެ ހާލަތުގައި ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އޮތްއިރު، ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާއާ ގުޅޭ ގަވާއިދުތަކަށް ގެންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.
މި މައްސަލައިގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގުތައް އިންތިހާއަށް އުފުލި، އަސާސީ ތަކެއްޗާއި ކާބޯތަކެތި ލިބުން ދަތިވެ، ހުސްވުމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، މި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ގަވަރުނަރާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދިފައެވެ.


