Tuesday, 28 July 2026

ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ޖަމިއްޔާތަކުން ފާޅުކޮށްފި!

ކައުންސިލްތަކުގެ އޮނިގަނޑަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންނަށް ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ފާޅުކޮށްފިއެވެ.

ރާއްޖޭގައި އަންހެނުން ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތައް އެކުވެގެން މިއަދު ނެރުނު ބަޔާނުގައި ވަނީ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ އަންހެނުންނަށް އާ ހޯދުމެއް ގެނެސްދިން އިންތިޚާބެއްކަން ފާހަގަކޮށްފައެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ކައުންސިލްތަކުގައި އަންހެނުންގެ 33 އިންސައްތަ ކޯޓާއެއް ކަނޑައެޅުމާ ގުޅިގެން، ރާއްޖޭގެ ތާރީޚުގައި އެންމެ މަތީ އަދަދެއްގެ ގޮތުގައި 39.5 އިންސައްތަ އަންހެން ކައުންސިލަރުން އިންތިޚާބު ކުރެވުނުކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ނަމަވެސް، ކުދި ރަށްތަކުގެ ކައުންސިލްތައް ކުޑަކުރުމަށް ކުރެވޭ މަޝްވަރާތަކުގައި އަންހެނުންގެ ކޯޓާ ހިމާޔަތްކުރުމަށް ސާފު ގެރެންޓީއެއް ނެތްކަން ޖަމިއްޔާތަކުގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން 2014 ގައި އަންހެނުންގެ ތަމްސީލު ހުރީ އެންމެ 5.4 އިންސައްތައިގައި ކަމަށް ޖަމިއްޔާތަކުން ފާހަގަކޮށް، އަހަރުތަކެއްގެ މަސައްކަތުން ހޯދި ކުރިއެރުން ގެއްލިގެންދިޔަ ނުދިނުމަށް ގޮވާލާފައިވެއެވެ.

މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއުޑީސީ) ބޭނުންވާ މާލީ އެހީތެރިކަމާއި ސްޓްރެޓެޖިކް ނިންމުންތައް ނިންމުމުގައި އެކަށީގެންވާ ދައުރެއް ނުލިބޭކަން ޖަމިއްޔާތަކުން ފާހަގަކޮށްފައިވެއެވެ. އަދި މި ކޮމިޓީތަކަށް އެކަށީގެންވާ ފަންޑިންގ އާއި ރަސްމީ ބާރުތައް ނުލިބޭނަމަ އެ ކޮމިޓީތަކުގެ ދައުރު ހަމައެކަނި ނަމުގައި އޮންނަ އެއްޗަކަށް ވެގެން ހިނގައިދާނެކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަންހެނުންގެ ޖަމިއްޔާތަކުން ވަނީ 2026 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި 33 އިންސައްތަ ކޯޓާ އަންހެނުންނަށް ހާއްސަކުރުމަށާއި، އިސް މަޤާމުތަކަށްވެސް މި ކޯޓާ ތަޢާރަފުކުރުމަށާއި، ޑަބްލިއުޑީސީތައް ހަރުދަނާކުރުމަށާއި، އިންތިޚާބުތަކުގައި ވާދަކުރަން ބޭނުންވާ އަންހެނުންނަށް ތަމްރީނާއި މެންޓަރޝިޕް ޕްރޮގްރާމްތައް ހިންގުމަށް އިންވެސްޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި، ސިޔާސީ ޕާޓީތަކަށް އަދި ކަމާގުޅޭ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *