އުފެއްދުންތެރިންނާއި ފަންނުވެރިންގެ އުފެއްދުންތައް ރައްކާތެރިކޮށްދޭ ޓްރޭޑް މާކް ރަޖިސްޓްރީ ކުރެވޭނެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިޤްތިޞާދީ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވައިފިއެވެ. މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ކަމަށްވާއިރު، ބިލް ބަލައިގަތުމަށް 68 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް، އެކަމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމެވެ. ބިލުގައި ޓްރޭޑްމާކް މާނަކޮށްދީފައިވަނީ އެއް ފަރާތެއްގެ މުދާ ނުވަތަ ޚިދުމަތްތައް އަނެއް ފަރާތެއްގެ މުދާ ނުވަތަ ޚިދުމަތްތަކާ ތަފާތުކުރުމުގެ ޤާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނެއްގެ ގޮތުގައެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޓްރޭޑްމާކާ ގުޅިގެން އެކްސްކްލޫސިވް ޙައްޤު ލިބިދެވޭނީ މާކް ރަޖިސްޓްރީ ކުރުމުންނެވެ. އަދި މާކެއް ރަޖިސްޓްރީ ކުރެވޭނީ އެ މާކެއް ރަޖިސްޓްރީ ކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޞައްޙަ ހުށަހެޅުމެއް އެންމެ ފުރަތަމަ ފުރިހަމަ ކުރާ ފަރާތަކަށް ނުވަތަ އިސްކަން ދިނުމުގެ ޙައްޤެއް އުފަންވެފައިވާކަން އެންމެ ފުރަތަމަ ސާބިތުކޮށްދެވޭ ފަރާތަކަށެވެ.
މި ބިލުގެ ސަބަބުން ޓްރޭޑްމާކުގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ޙައްޤުތަކުގެ ދާއިރާތައް ބަޔާންކޮށްދީފައިވުމާއެކު، ޓްރޭޑްމާކުގެ ޙައްޤަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް ކަނޑައެޅިގެންދާނެއެވެ.


