މާފަންނު ބަސް ޓާމިނަލް ކައިރިން މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ. މި ހާދިސާގައި އަނިޔާވި އަނެއް ދެ މީހުންގެ ހާލަތު ވަރަށް ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސިންގއަކުން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ޖެހި، އެތަނުން ދަތުރުކުރަމުންދިޔަ ޕިކަޕެއްގައި ޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަޙުޤީޤު ފަށައި، އެކްސިޑެންޓްގެ ޙަޤީޤަތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ދީފައެވެ.


