އއ. މާޅޮހުގައި ރޭ ހިނގި މަރުގެ މައްސަލައާ ގުޅިގެން ފުލުހުން އެރަށަށް އަރާ ފައިބާ މީހުން މޮނިޓަރ ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ފުލުހުންގެޓީމެއް މިހާރު ވަނީ އެރަށަށް ގޮސް ހަރަކާތްތެރިވާން ވެސް ފަށާފައެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި މަރުވެފައިވަނީ އެރަށު 65 އަހަރުގެ އަބްދުއްރަހްމާން އާދަމެވެ. އޭނާ ފެނުނު އިރު އޮތީ ޒަޚަމްތަކާ އެކުގައެވެ. މާޅޮހު ރައްޔިތުން ބުނާ ގޮތުގައި އަބްދުއްރަހްމާނަށް ހަމަލާދީފައިވަނީ އޭނާ ނިދާފައި އޮއްވައެވެ. ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ މަރުތޭލެއް ޒާތުގެ އެއްޗެއް ކަމަށް ބެލެވޭއިރު، އޭނާގެ ބޮލުގެ ފުއްކިބައިގައި ޖަހާފައިވާކަމަށް ރަށުން މަޢުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ.
އަބްދުއްރަހްމާން މަރުވެފައިވަނީ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މެންދަމުގެ 2:30 ހާއިރުއެވެ. ހާދިސާ ހިނގިއިރު ގޭގައި ތިބީ އުމުރުން ދުވަސްވީ ދެމަފިރިން އެކަނި ކަމަށާއި، އެ ދެމީހުން ނިދާފައި އޮތީ ދެ ކޮޓަރިއެއްގައި ކަމަށް ރަށުން މަޢުލޫމާތު ލިބިފައިވެއެވެ.
ރަށުގެ މަޢުލޫމާތު ދޭ ފަރާތްތަކުން ބުނާގޮތުގައި އަބްދުއްރަހްމާނަކީ ސިހުރު ހަދާ ކަމަށް ރަށުތެރޭގައި އަޑުފެތުރިފައިވާ މީހެކެވެ. އޭނާގެ ތިން ދަރިން ދިރިއުޅެމުން ގެންދަނީ ރަށުން ބޭރުގައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ފުލުހުން ކުރިއަށް ގެންދަމުންނެވެ.


