ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހުޅުވައިފިއެވެ. މި ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެވެ.
މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިހާރު ބެހެއްޓިފައިވެއެވެ. އަދި މި ކުތުބުޚާނާ ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ބޭނުންކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހަދާފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އަދީބުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމާއެކު، މި ކުތުބުޚާނާ ހުޅުވުމާއެކު އެ ވަޢުދުފުޅު ފުއްދުމަށް އިތުރު ފިޔަވަޅެއް އެޅިގެން ދިޔައެވެ.


