Tuesday, 28 July 2026

އއ. މާޅޮހުގައި އުމުރުން ދުވަސްވީ ފިރިހެނަކު މަރާލައިފިި

ރޭ އއ. މާޅޮހުގައި އުމުރުން ދުވަސްވީ ފިރިހެނަކު މަރާލައިފިއެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މަރުވެފައިވަނީ އެ ރަށު 65 އަހަރުގެ އަބްދުއްރަހްމާން އާދަމް ކަމަށާއި، އޭނާ ފެނުނުއިރު އޮތީ ޒަހަމްތަކާ އެކުގައެވެ.

މާޅޮހުގެ ބައެއް މީހުން ބުނިގޮތުގައި އަބްދުއްރަހްމާނަށް ހަމަލާދީފައިވަނީ އޭނާ ނިދާފައި އޮއްވައެވެ. ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ މަރުތޭލެއް ޒާތުގެ އެއްޗެއް ކަމަށް ބެލެވޭއިރު، އޭނާގެ ބޮލުގެ ފުއްކިބައިގައި ޖަހާފައިވާކަމަށް ރަށުން މައުލޫމާތު ދިން ފަރާތްތަކުން ބުނެފައިވެއެވެ.

އަބްދުއްރަހްމާން މަރުވެފައިވަނީ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މެންދަމުގެ 2:30 ހާއިރުއެވެ. ހާދިސާ ހިނގިއިރު ގޭގައި ތިބީ އުމުރުން ދުވަސްވީ ދެމަފިރިން އެކަނި ކަމަށާއި، އެ ދެމީހުން ނިދާފައި އޮތީ ދެ ކޮޓަރިއެއްގައި ކަމަށް ރަށުން މައުލޫމާތު ލިބެއެވެ.

އަބްދުއްރަހްމާނަކީ ސިހުރު ހަދާ ކަމަށް ރަށުތެރޭގައި އަޑުފެތުރިފައިވާ މީހެއް ކަމަށާއި، އޭނާގެ ތިން ދަރިން ދިރިއުޅެމުން ގެންދަނީ ރަށުން ބޭރުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *