ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ދަތުރުކުރި ޑިންގީ މިއަދު ކަނޑު އަޑިން ފެނިއްޖެއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން މި ޑިންގީ ފެނިފައިވަނީ މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. ސިފައިންނާއި ފުލުހުން ގުޅިގެން މިހާތަނަށް ވަނީ ކަނޑުމަގުން 2،307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެ މަގުން 30،39 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެއެވެ.
ޒަކަރިއްޔާ ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ގައްދޫން ފުރީ އެ ދުވަހުގެ ހެނދުނު 9:30 ހާއިރުއެވެ. އަދި އެނބުރި ގައްދުއަށް ދާން ގަމުން ފުރީ ހެނދުނު 11:15 ހާއިރުއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވުމުން، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ދުވަހުގެ ހަވީރުއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ޒަކަރިއްޔާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި އޭނާ ދަތުރުކުރި ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެކެވެ. މި މައްސަލައިގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑުގެ ފޯތު ސްކޮޑްރަންގެ ސިފައިންގެ އިތުރުން ގައްދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށުގެ މަސްވެރިންނާއި ރަށު ކައުންސިލުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ.


