Tuesday, 28 July 2026

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ކޯޑް-އީ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށް، ރަސްމީކޮށް ހުޅުވައިފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމި، ކޯޑް-އީ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކުރެވުނު ރަންވޭގައި މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓެއް މިއަދު ފުރަތަމަ ފަހަރަށް ޖައްސައިފިއެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ އެހީގައި ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ކުރީގެ ރަންވޭއަށް 650 މީޓަރު އިތުރުކޮށް، ބޮއިން 787، 777 އަދި އޭ330 ފަދަ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ. މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް މިއަދު އެ އެއާޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

އެއާޕޯޓް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، ޔޫއޭއިން ރާއްޖެ އަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ސެއިޚް ރަހްމާ އަބްދުލްރަޙްމާން ރަހްމާ އަބްދުލްރަޙްމާން އަލް ޝަމްސީއާއި، ޑިރެކްޓަ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް ހިސް އެކްސެލެންސީ މުޙައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް އިޔާސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މާފަރު އެއާޕޯޓަކީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށެވެ. އަދި މި މަޝްރޫޢަށް އެހީތެރިވެދެއްވި ޔޫއޭއީގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *