ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރެވިފައިވަނީ ސައުދީ އަރަބިއްޔާގެ އައު ސަފީރު ޔަހްޔާ ހަސަން އަލްގަހްޠާނީ، ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލްއާ ބައްދަލުކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގައި ވަޒީރު ހަލީލް ވަނީ ސަފީރު ޔަހްޔާ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާ ގުޅިގެން ތަހުނިޔާ ދަންނަވާފައެވެ. އަދި ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ދެއްވަމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި މަޝްވަރާކުރެވުނެވެ. އަދި ނިމިދިޔަ ހައްޖު މޫސުމުގައި "މައްކާ ރޫޓް" އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާ ގުޅިގެން ސައުދީ ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.


