Tuesday, 28 July 2026

ޓެލެމެޑެސިންއާއި އެންޑޯމެޓްރިއޯސިސް ކްލިނިކާއެކު ކޭއާރްއެޗް އައު ހަރުފަތަކަށް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރޭ ގޮތުން ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި، އެ ހޮސްޕިޓަލުގައި ދެ މުހިންމު ޚިދުމަތެއް ވަނީ ތަޢާރަފުކޮށްފައެވެ. އެއީ ޒަމާނީ ޓެލެމެޑިސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ކްލިނިކްގެ ޚިދުމަތެވެ. މި ދެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

1960ގެ ފަހުކޮޅުން ފެށިގެން ސިއްހީ ހިދުމަތް ދެމުންދާ ކުޅުދުއްފުށީގައި އަސާސީ ޚިދުމަތެއްގެ ގޮތުގައި މި ޚިދުމަތް ފަށާފައިވަނީ 1982 ވަނަ އަހަރުއެވެ. މިވީ 43 އަހަރުގެ ތެރޭގައި ހޮސްޕިޓަލުންވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން އަހަރީ ދުވަހުގެ ޖަލްސާގައިވަނީ މުހިންމު 3 ޚިދުމަތެއް ހޮސްޕިޓަލުގައި އިފްތިތާޙްކުރައްވާފައެވެ. އެއީ ޓެލެމެޑިސިން އާއި އެންޑޯމެޓްރިއޯސިސް ކްލިނިކް އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެވެ.

ޓެލެމެޑިސިން: ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ސއްހީ ހިދުމަތް

ޓެލެމެޑިސިންގެ ޚިދުމަތަކީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް، ސިއްޙީ ޚިދުމަތްތެރިންނާއި ބަލިމީހުން ގުޅުވައިދޭ އައު ޓެކްނޮލޮޖީއެކެވެ. މި ޚިދުމަތުގެ ސަބަބުން، ސިއްޙީ ޚިދުމަތްތެރިން ޖިސްމާނީގޮތުން ހާޒިރުނުވިޔަސް، ބަލިމީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވޭނެއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ ފަރުވާއެއް ދިނުމަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.

ޓެލެމެޑިސިން ޚިދުމަތުގެ ސަބަބުން ޚިދުމަތާއެކު، ހޮސްޕިޓަލަށް ޑަކްޓަރަށް ދެއްކުމަށް އަންނަން ކުރަންޖެހޭ ދަތުރުތަކާއި، އެކަމަށް ހޭދަވާ ވަގުތާއި ޚަރަދު ސަލާމަތްކުރެވިގެންދާނެއެވެ. ޚާއްޞަކޮށް ރިސޯޓުތަކުގައި އަދި ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް މި ޚިދުމަތުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ޓެލެމެޑިސިންގެ ޚިދުމަތް ފޯރުކޮށްދެވޭނީ ވީޑިއޯ ކޯލްގެ ޒަރީއާއިންނެވެ.

އެންޑޯމެޓްރިއޯސިސް ކްލިނިކް: އަންހެނުންގެ ސިއްޙަތަށް އައު އުއްމީދެއް

އެންޑޯމެޓްރިއޯސިސްއަކީ އަންހެނުންގެ މެދުގައި ވަރަށް އާންމު ބައްޔެކެވެ. މިއީ ރަހިމުގެ އެތެރެފަށަލައިގައި ހުންނަ ޓިޝޫއާ އެއްގޮތް ޓިޝޫތަކެއް ރަހިމުން ބޭރުގައި ހެދޭ ބައްޔެކެވެ. މިބަލީގެ ސަބަބުން ފަލަމަސްގަނޑު ސަރަހައްދުގައި ގަދައަށް ރިހުން އުފެދި، މާބަނޑުވުމަށް ދަތިތަކެއް ކުރިމަތިވެއެވެ. އެންޑޮމެޓްރިއޯސިސް ޖެހޭ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. މިބައްޔަށް ފަރުވާއެއް ނެތްނަމަވެސް، މީގެ އަލާމާތްތަކަށް ބޭސްފަރުވާ ނުވަތަ ބައެއް ހާލަތްތަކުގައި ސާޖަރީ މެދުވެރިކޮށް ފަރުވާ ދެވެއެވެ.

އައު ކްލިނިކް މެދުވެރިކޮށް، މި ބަލީގެ ފަރުވާއާއި، ބަލި ދެނެގަތުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މީގެ ކުރިން މާލޭގައި ހުންނަ އައިޖީއެމްއެޗްގައި މި ޚިދުމަތް ލިބެން ހުރީ ހަފްތާއަކު އެންމެ ދުވަހެއްގައި އެކަނި ކަމަށްވާތީ، މި އައު ކްލިނިކަކީ އުތުރުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެކެވެ.

ދިވެހިރާއްޖެ 2.0 އާއި ސިއްޙީ ދާއިރާގެ މުސްތަޤުބަލް

މެޑަމް ސާޖިދާ މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ 2.0 މަޝްރޫޢުގެ ދަށުން ސިއްޙީ ދާއިރާއަށް ގެނެވޭ ބަދަލުތަކަކީ އިންޤިލާބީ ބަދަލުތަކެކެވެ. މި މަޝްރޫޢުގެ ތެރެއިން ޒަމާނީ ޓެކްނޮލޮޖީއާއެކު ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރެވި، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޓެލެމެޑިސިންއާއި އެންޑޯމެޓްރިއޯސިސް ކްލިނިކްގެ އިތުރުން، ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއްގެ ޚިދުމަތް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި ހުރިހާ ޚިދުމަތްތަކަކީ ވެސް އުތުރުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ސިއްޙީ ޚިދުމަތް ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަންކަމެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތަޢާރަފުކުރެވުނު މި އައު ޚިދުމަތްތަކަކީ، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރުވައި، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. ޚާއްޞަކޮށް އެންޑޯމެޓްރިއޯސިސްގެ ފަރުވާއަށް ޚާއްޞަ ކްލިނިކެއް ޤާއިމުކުރެވުމަކީ، އަންހެނުންގެ ސިއްޙަތަށް އިތުރު ސަމާލުކަމެއް ދެވި، އެ ބަލީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *