Tuesday, 28 July 2026

އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ކުރިމަތިލައްވައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ވާދަކުރެއްވުމަށް، އެފްއޭއެމްގެ މެންބަރު 23 ކުލަބެއްގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް) ކުރިމަތިލައްވައިފިއެވެ.

އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރެއްވުމަށް ޓޮމް ކުރިމަތިލައްވާފައިވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ގާއިމުކޮށް، އެ ރީޖަންތަކަށް އެފްއޭއެމްގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާ އެކުގައެވެ. މި އިންތިޚާބުގައި ޓޮމްގެ އެގްޒެކެޓިވް ކޮމިޓީގައި 11 މެންބަރުން ހިމެނޭއިރު، އޭގެ ތެރޭގައި ދެ އަންހެން މެންބަރުންނާއި ކުރީގެ ގައުމީ ޓީމު ކުޅުންތެރިން ހިމެނެއެވެ.

އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ފީފާއިން ނޯމަލައިޒްކޮށްފައިވާ އެފްއޭއެމްގެ ފުރަތަމަ އިންތިޚާބެވެ. ކުރިން ދެ ފަހަރެއްގެ މަތިން އިންތިޚާބު ފަސްވެފައިވާއިރު، ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ހިޔާނާތާއި ހިންގުމުގެ މައްސަލަތަކާ ގުޅިގެން ސަސްޕެންޑް ކުރެވިފައެވެ.

ރާއްޖޭގެ ފުޓްބޯޅަ އަލުން ކުރިއަރުވައި، އަތޮޅުތަކުގެ ހަރަކާތްތެރިކަން އިތުރުކުރުމަށް އައު ހިންގާ ކޮމިޓީއަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ މި ދަނޑިވަޅުގައި، ޓޮމްގެ ކުރިމަތިލެއްވުމަކީ ފުޓްބޯޅައަށް އައު އުއްމީދުތަކެއް ގެނެސްދޭނެ ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *