އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ކަނޑައަޅާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ބޮޑު ތަފާތަކުން ބަލިވާނެކަމުގެ ޔަގީންކަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފާޅުކުރައްވައިފިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އެއްވެސް އިހްތިރާމެއް ނުކުރެއެވެ. އަދި އެޓޯލްސް މިނިސްޓްރީ އުފައްދައި، އެތަނުގެ ދަށުން ކަންކަން ހިންގަމުންދާކަން ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ބޭނުމަކީ، އެ މަދުކުރެވޭ މަގާމުތަކުގެ ބަދަލުގައި އެޓޯލްސް މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އައްޔަންކުރުން ކަމަށެވެ.
"މި އިންތިޚާބަށް ފިސާރި ކެރިގެން ތައްޔާރުވާންޖެހޭނެ. މިއީ ސަރުކާރު ބޮޑުތަނުން ބަލިވާނެ އިންތިޚާބެއް،" ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހަށް ޕާޓީއަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާއަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ކަމުގައި ހެދުމަށް ޝާހިދު ގޮވާލެއްވިއެވެ.


