ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު އެގްޒެލެންސީ ޖީ. ބަލަސުބްރަމަނިއަމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އިރު، ދެ ގައުމުގެ ކަސްޓަމްސް ދާއިރާގައި އިތުރަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ކަސްޓަމްސް ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
އިންޑިއާއަކީ ރާއްޖޭގެ ކަސްޓަމްސް ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ގައުމެވެ. އަދި ދެ ގައުމުގެ ކަސްޓަމްސް ދާއިރާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
މި ބައްދަލުކުރެއްވުމަކީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލްގެ މަޤާމާ ފާތިމަތު ދިޔާނާ ހަވާލުވެ ވަޑައިގަތުމަށްފަހު އިންޑިއާގެ ހައި ކޮމިޝަނަރާއެކު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.


