Tuesday, 28 July 2026

ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަނުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަން ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިޔަށް ގެންދިޔައީ މިއަދު ހެނދުނު 8:30 އިން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.

މި ހަރަކާތުގައި އިންޑިއާގެ ހައި ކޮމިޝަނަރ ޝްރީ ޖީ ބާލަސުބްރަމާނިއަމްގެ އިތުރުން އިންޑިއަން ހައި ކޮމިޝަންގެ ޑިޕްލޮމެޓުންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއާއި އެ ވުޒާރާގެ އިސްވެރިންނާއި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ އާއި ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުންވެސް މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ މި ހަރަކާތަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ކަމެއް ކަމަށާއި، މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މުހިންމުކަން މި ހަރަކާތުން ފާހަގަކޮށްދޭ ކަމަށެވެ. އަދި އިންޑިއަން ހައި ކޮމިޝަނުން ފާހަގަކުރެއްވި ގޮތުގައި މިއީ މިއަހަރު އެ ކޮމިޝަނުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއްގައި ބައިވެރިވި ދެވަނަ ފަހަރެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން 14 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މިއީ ލޭ ހަދިޔާކުރުމުގެ މުހިއްމުކަމާ މެދު އާންމުން ހޭލުންތެރިކުރުވުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިވްއެޗްއޯ) އިން ކަނޑައަޅާފައިވާ ހާއްސަ ދުވަހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *