Tuesday, 28 July 2026

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު 3 އެމްއޯޔޫއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މިއަދު 3 އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫތަކުގައި ސޮއިކުރެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޯންގްއާ ބައްދަލުކުރެއްވުމަށްފަހު ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ރައީސް މުޢިއްޒު މިވަގުތު ވަނީ ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތްނަމްގެ ދަޢުވަތަކަށް ދައުލަތުގެ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ސަޖިދާ މުޙައްމަދާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި ޤާބިލުކަން އިތުރުކުރުމުގެ އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރ ޑރ. ވިވިއަން ބަލަކްރިޝްނަންއެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިޤް އިބްރާހީމާއި ސިންގަޕޫރުގެ މިނިސްޓަރ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަންމަންޓް ގްރޭސް ފޫއެވެ.

މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތުތަކާއި ޓެކްނިކަލް ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރާއި ސިންގަޕޫރުގެ އައިޓީ އެޑިޔުކޭޝަން ސަރވިސްގެ ޗީފް އެގްޒެކެޓިވް ގޯ މޮންގް ސޮންގްއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތްނަމްއާއި ބޮޑުވަޒީރު ލޯރެންސް ވޯންގްއާ ބައްދަލުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *