Tuesday, 28 July 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވަނީ

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތެއް ގަބޫލުކުރައްވައި، އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ދަތުރުފުޅުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ދަތުރުފުޅަކީ ޖޫން 29 އިން ޖުލައި 2 އަށް ކުރިއަށްދާނެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ އެންމެ އިސް ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެއެވެ.

ދަތުރުފުޅުގެ އެޖެންޑާގައި ހިމެނޭ ގޮތުން، ސިންގަޕޫރުގެ ރައީސް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއާ އެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާއެކުވެސް މަޝްވަރާތައް ކުރިއަށްދާނެއެވެ.

ވިޔަފާރީގެ ދާއިރާއަށް އަމާޒުކޮށް ބާއްވާ ބިޒްނަސް ފޯރަމެއްގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެއެވެ.

ސިންގަޕޫރުގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ވަގުތު ކަނޑައެޅިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *