Tuesday, 28 July 2026

ރާއްޖެ އަށް ހަލާލް ޓޫރިޒަމް ތައާރަފްކުރަން ތައްޔާރުވެފައިވާކަން ރައީސް މުއިއްޒު އިއުލާނުކުރައްވައިފި

ދިވެހިރާއްޖެއަށް ހަލާލް ޓޫރިޒަމް ތައާރަފްކުރުމަށް ސަރުކާރުން ތައްޔާރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. މިކަން އިއުލާނު ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް މުޅި ދުނިޔޭގައި މަޝްހޫރުވެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަރުވައި، ޓޫރިސްޓުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، މެހެމާންދާރީގެ ނަމޫނާއެއްގެ ގޮތުގައެވެ. މި ކާމިޔާބީގެ މައްޗަށް ބިނާކޮށް، މިހާރު އަމާޒު ހިފާފައިވަނީ ހަލާލް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ވެސް ދުނިޔޭގެ މަގުބޫލުކަން ހޯދުމަށެވެ.

މި މަޝްރޫއުގެ ދަށުން، ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ޚާއްސަ ރަށްތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އަދި މި މަޝްރޫއުގައި އިންވެސްޓްކުރާ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކަކާއި ލުއިތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސް މުއިއްޒުގެ ވިދާޅުވުމުގައި، މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް އިތުރަށް ސިންދަފާތު ކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ރާއްޖެއަށް ހަލާލް ޓޫރިޒަމް ތައާރަފްކުރުމުގެ ތަފްސީލީ ޕްލޭން މި ފެށޭ ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން އާންމުކުރާނެއެވެ. އަދި މި ދާއިރާގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔުމަށް ރާއްޖެ ތައްޔާރަށް އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *