އެމްޑީޕީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކާއެކު ސަރުކާރުން ހެދި އެއްބަސްވުންތައް މިހާރުގެ ސަރުކާރުން އުވާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖުބޫރުކޮށްފައިވާ މައްސަލައިގައި އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި މައްސަލަ ބަލައިގަތުމަށް 12 މެންބަރުން ވޯޓު ދެއްވި އިރު، މައްސަލަ ބަލައިނުގަތުމަށް 34 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މި މައްސަލައާ ގުޅިގެން ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވަނީ ގޯތީގެ އެއްބަސްވުމަށް ބަދަލު ގެނެވުނީ ކުރިން ހަދާފައިވާ އެއްބަސްވުން ޤާނޫނާ ފުށުއަރާތީ ކަމަށެވެ. އަދި އެހެން ކަމުން އާ ރަޖިސްޓްރީއަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.


