Tuesday, 28 July 2026

ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލު މަތީގައި ދެމިތިބެގެން: ރައީސް

ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ޚިޠާބުގައި، ދިވެހި ރައްޔިތުންނަށް އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުތަކުގައި ދެމިތިބެގެން ކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާގެ މާތް ސުންނަތުން ފެންނަން ހުރި ކޮންމެ ކަމަކީވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެކެވެ. އަދި "ދިވެހި މުޖްތަމަޢުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން" ކަމުގައި ފާހަގަކުރެއްވިއެވެ.

ހިޖުރަތުގެ މުނާސަބަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރަސޫލާ ﷺ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ކުރެއްވުމަކީ އިސްލާމީ އުންމަތަށް އެތައް ހާސް ޢިބްރަތެއް ލިބިދޭ ތާރީޚީ ޙާދިސާއެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ހިޖުރައިގެ ދަތުރުފުޅުގައި ކުރެއްވި ކޮންމެ ކަމަކީވެސް ފަރުދީ އަދި ޤައުމީ ފެންވަރުގައި ކާމިޔާބު ހޯދުމަށް ބޭނުންވާ ޙިކްމަތްތެރި ހަމަތަކެއްކަމުގައި ވިދާޅުވިއެވެ.

މި ދަނޑިވަޅަކީ މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުޢާކުރުން އިތުރުކުރަންޖެހޭ ވަގުތެއްކަން ފާހަގަކުރައްވައި، މެދުއިރުމަތީގެ އިސްލާމީ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ޙާލަތާ ގުޅިގެން، ދިވެހި ރައްޔިތުންގެ ދުޢާތައް އެ ޤައުމުތަކުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ޚާއްޞަކޮށް ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތް އެދި، އެ ސަރަޙައްދުގެ މުސްލިމް ޤައުމުތަކަށް ސުލްޙައާއި ރައްކާތެރިކަން މިންވަރުކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިކަންވެސް ރައީސް މުއިއްޒު އެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *