މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު އެވެ. އޭނާ ފެނުނު އިރު ހުރި ޙާލަތު ސީރިއަސްވުމާއެކު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އޭނާ ވަނީ ނިޔާވެފައިކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާ ހިނގި އުޅަނދަކީ ސިވެކްގެ "އެލްސީ 308″ ލޭންޑިންގ ކްރާފްޓެވެ. މި އުޅަނދުގައި ޖުމްލަ 6 މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 3 މީހަކާއި، ބަންގުލަދޭޝްއަށް ނިސްބަތްވާ 3 ބިދޭސީންނެވެ.
މިއަދު ހެނދުނު 10:30 ހާއިރު އުޅަނދު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފަށައި، އުޅަނދު ލޮކޭޓްކޮށް، އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.
މި ހާދިސާގައި އަދިވެސް ގެއްލިފައިވާ ބިދޭސީއަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.


