Tuesday, 28 July 2026

ބަންޑާރަނައިބު އޮފީހުގެ ގާނޫނަށް ގެންނަ އިސްލާހުން މަޖިލީހަށް ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ: ނާޒިމް

ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު، ރައްޔިތުންގެ މަޖިލީހަށް ނުލިބި ލަސްވަމުންދާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ސިވިލް ސަރވިސްގެ މުސާރައިގެ އޮނިގަނޑުގެ ތެރެއިން މުވައްޒަފުން ނެގުމުން، ރަނގަޅު ފެންވަރުގެ ވަކީލުންނާއި ކޮލިފައިޑް މުވައްޒަފުން ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ.

އަދި މަޖިލީހުން ބޭނުންވާ ސްޕީޑުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ނުދާކަމާއި، މަޖިލީހަށް ލިބެންވާ ބިލްތައް ނުލިބޭކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ. މިހާރުގެ ޤާނޫނުއަސާސީގެ ދަށުން ހެދިފައިވާ ގާނޫނުތަކަށް އިސްލާހު ގެނެސް، ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މަދަނީ އިޖުރާތުގެ ގާނޫނު ވުޖޫދަށް ގެނެވުނުއިރު އޭތި ރޯލް އައުޓް ކުރެވިފައި އޮތީ ކުރަންޖެހޭ ގޮތަކަށް ނޫން. އެހެންކަމުން މީޑިއޭޝަންގެ މަރުހަލާ ވެސް ވަނީ މެދުކެނޑިފައި،" ނާޒިމް ވިދާޅުވިއެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމާއި، ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ކަނޑައެޅުމާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާބެހޭ އުސޫލުތައް އިސްލާހުކުރުން ހިމެނެއެވެ. އަދި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ތަސްދީގުވުމުން، މިހާރު ދިމާވެފައިވާ ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ނާޒިމް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *