އިސްރާއީލާއި އީރާނާ ދެމެދު ވެފައިވާ ހަނގުރާމައިގެ ހުއްޓުމަށް އިރާނުން އިޙްތިރާމް ކުރާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. ނަމަވެސް މިއީ އިސްރާއީލުން ވެސް މި ހުއްޓުމަށް އިޙްތިރާމް ކުރާހާ ހިނދަކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އީރާނުގެ ނޫރުނިއުސް މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، އީރާނުގެ ރައީސް ވަނީ ވާހަކަ ދެއްކުމަށް ތައްޔާރަށް ހުރި ކަމަށާއި، މަޝްވަރާގެ މޭޒުދޮށުގައި އިރާނުގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މި ދެމެދު، އިރާނުގެ އުތުރުގައި ހުންނަ ބަބޮލްސަރު ސިޓީ ކައިރިން ގޮވުމުގެ އަޑުތަކެއް އިވިފައިވާ ކަމަށް އިރާނުގެ ސްޓޫޑެންޓް ނިއުސް އެޖެންސީ (އައިއެސްއެންއޭ) އިން ވަނީ ރިޕޯޓުކޮށްފައެވެ. މި ސަރަހައްދުގައި ވައިގެ ދިފާއީ ބާރުތައް އެކްޓިވޭޓްވެ، އެމްބިއުލާންސްތައް އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ހަަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާ މި ދަނޑިވަޅުގައި ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ޗީފް ކާޖާ ކަލާސް ވަނީ އިސްރާއީލާއި އިރާނާ ދެމެދު ވެފައިވާ ހަނގުރާމައިގެ ހުއްޓުމާ މެދު ފާޅުކުރައްވާފައިވާ އުއްމީދީ ވިސްނުމުގައި ވެސް މިއީ ނާޒުކު ހުއްޓުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ ފަރާތްތަކުން މި ހުއްޓުމަށް އިޙްތިރާމްކޮށް، އިތުރު އަނިޔާވެރިކަމުން ދުރުހެލިވުމަށް ގޮވާލައްވާފައިވެއެވެ.
އިރާގުގެ ފޮރިން މިނިސްޓްރީން ވަނީ އިސްރާއީލާއި އިރާނާ ދެމެދު ހަނގުރާމައިގެ ހުއްޓުމެއް ގެނައުމަށް ގަތަރު ކުރި މަސައްކަތްތަކަށް މަރުހަބާ ކިޔާފައެވެ. އަދި މި ކާމިޔާބީއަކީ ސަރަހައްދީ ހަމަޖެހުމަށް ކަޓަރުން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.


