Tuesday, 28 July 2026

މެދުއިރުމަތީގެ ހާލަތު ގާތުން ބަލަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ހާލަތާ ގުޅިގެން، ފަތުރުވެރިކަމުގެ ޕާޓްނަރުންނާއެކު ވަރަށް ގާތުން މަސައްކަތްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެންމެ އިސްކަމެއް ދެއްވަނީ ފަތުރުވެރިކަމަށް މި ހާލަތުގެ ސަބަބުން އަސަރުކުރިޔަ ނުދިނުމަށާއި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. މިކަމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ޕާޓްނަރުންނާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް އެ މިނިސްޓަރު ވިދާޅުވިއެވެ.

އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި، އީރާނުން ވަނީ ޤަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. މި ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން ޤަތަރާއި ދުބާއީގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. ޤަތަރުން ބުނެފައިވަނީ ރައްޔިތުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ވައިގެ ސަރަހައްދު ބަންދުކުރި ކަމަށެވެ.

ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ޓްރާންސިޓްކުރަނީ މެދުއިރުމަތީގެ އެއަރޕޯޓުތަކުގައި ކަމަށްވުމާއެކު، ރާއްޖެއަށް އަންނަ ފްލައިޓުތައް ލަސްވުމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފްލައިޓު ޝެޑިއުލްއިން ދައްކާގޮތުން، މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް އެމިރޭޓްސް އެއަރލައިންސްގެ ހަތަރު ފްލައިޓާއި، އެތިހާދު އެއަރވޭސްގެ ދެ ފްލައިޓާއި، ޤަތަރު އެއަރވޭސްގެ ދެ ފްލައިޓު ވަނީ ތާވަލުކޮށްފައެވެ.

މި މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާދިނުމަށްފަހު، މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. އިސްރާއީލުން ފުރަތަމަ ދިން ހަމަލާތަކުގެ ސަބަބުން އީރާނާއި، އިރާގާއި، އުރުދުންގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން މަޖުބޫރުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *