Tuesday, 28 July 2026

ގިނަ އަދަދެއްގެ ބޭސް އެތެރެކުރަން އުޅުނު ދެ ދިވެހިން ކޮޗިން އެއާޕޯޓުން ހުއްޓުވައިފި

ބޭހުގެ ވިޔަފާރީގެ ހުއްދައެއް ނެތި، ގިނަ އަދަދެއްގެ ބޭސް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ދެ ދިވެހިން އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފިއެވެ. އިންޑިއާގެ ކަސްޓަމްސް އޮފިޝަލުން ބުނިގޮތުގައި މި ދެ ފަރާތް ހިފެހެއްޓީ އެއާޕޯޓުގެ ސެކިއުރިޓީ ޗެކްގައި އެ މީހުންގެ ދަބަހުން ބޭސްތައް ފެނުމާ ގުޅިގެންނެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ދިވެހިންގެ އަތުން އަތުލެވުނު ބޭސްތަކުގެ އަގު ގާތްގަނޑަކަށް ތިން ލައްކައާއި ފަސް ލައްކަ ރުޕީސްއާ ދެމެދުގެ އަދަދެއްގައި އުޅޭ ކަމަށް ކަސްޓަމްސް އޮފިޝަލުން ވަނީ އަންދާޒާ ކޮށްފައެވެ. މިފަދަ ގިނަ އަދަދެއްގެ ބޭސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ އެއްވެސް ރަސްމީ ލިޔެކިޔުމެއް އެ މީހުންގެ އަތުގައި ނެތްކަން ވެސް ފާހަގަކޮށްފައިވެއެވެ.

"މި ވަގުތު އަޅުގަނޑުމެން މިދަނީ ބޭސްތަކުގެ ބާވަތްތައް ދެނެގަތުމަށް ތަހުލީލުތައް ކުރަމުން. އަދި މީގެ ފަހަތުގައި އޮތީ ބޭސް ވިޔަފާރީގެ ބޮޑު ވިއުގާއެއްތޯ ވެސް ބަލަމުން މި ގެންދަނީ. " ކަސްޓަމްސްގެ އިސް އޮފިޝަލެއް ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އާސަންދައިގެ ނިޒާމަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ބައެއް ފާމަސީތަކުން ބޭސް ވިއްކުން މަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް އަސާސީ ބޭސްތައް އެތެރެކުރަން ފަށާފައެވެ.

އިންޑިއާގެ ކަސްޓަމްސްއިން މި މައްސަލައިގައި ތަހުގީގު ކުރިއަށް ގެންދާއިރު، ހައްޔަރުކުރެވުނު ދެ ދިވެހިން ވަނީ އެނބުރި ރާއްޖެ ފޮނުވާލާފައެވެ. އަދި އެ މީހުންގެ އަތުން އަތުލެވުނު ބޭސްތަކާމެދު ގޮތެއް ނިންމާނީ ތަހުގީގު ނިމުމުން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *