Tuesday, 28 July 2026

މިނިމަމް ވޭޖް ރިވިއުގެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ: މިނިސްޓަރު ހައިދަރު

މަސައްކަތްތެރިންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް މުރާޖައާކުރުމުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލޭބަރ މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

މިކަން މިނިސްޓަރު ހާމަކުރެއްވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އާ ގުޅިގެންނެވެ.

މިނިސްޓަރު ހައިދަރު އިތުރަށް ވިދާޅުވި ގޮތުގައި މި މުރާޖައާގެ މަސައްކަތް ކުރިއަށްދަނީ ދެ މަރުހަލާއެއްގެ މަތިންނެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ރާއްޖޭގައި މިނިމަމް ވޭޖް ތަންފީޒުކުރެވެމުންދާ ގޮތުގެ މުރާޖައާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް ބޭނުންވާ އަސާސީ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިނިމަމް ވޭޖަކީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކަނޑައަޅަންޖެހޭ ކަމެއް. އެހެންކަމުން މި ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތްކުރަމުން މި ގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ މިނިމަމް ވޭޖް އޮނިގަނޑުގައި ވިޔަފާރިތައް ބަހާލެވިފައިވަނީ ތިން ގިންތިއަކަށެވެ. މިގޮތުން ކުދި ވިޔަފާރިތަކުން މަހަކު 5،000 ރުފިޔާ، މެދުފަންތީގެ ވިޔަފާރިތަކުން 7،000 ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކުން 8،900 ރުފިޔާ މަދުވެގެން މުވައްޒަފުންނަށް ދޭންޖެހެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތައާރަފުކުރެވުނު މިނިމަމް ވޭޖް، ގަވާއިދުން ކޮންމެ ދެ އަހަރަކުން އެއްފަހަރު މުރާޖައާކުރަން ޖެހޭއިރު، މިހާތަނަށް އެއްވެސް މުރާޖައާއެއް ހެދިފައިނުވާކަމެވެ. މި މުރާޖައާގެ މުއްދަތު ހަމަވެފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *