މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތަކަށް ސަރުކާރުން ތައްޔާރުވާންވީ ގޮތުގެ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި މި ގަރާރުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އިސްރާއީލާއި އީރާނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު މުޅި ސަރަހައްދަށް ފޯރައިފިނަމަ، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް ގަރާރުގައި ފާހަގަކުރައްވާފައިވަނީ، މެދުއިރުމަތީގެ އެއާލައިންތަކުގެ ދަތުރުތަކަށް ހީނަރުކަމެއް އަތުވެއްޖެނަމަ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެ، އެކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.
ގަރާރުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، "ރާއްޖެއަކީ އަސާސީ ބޭނުންތަކުގެ ގިނަ ތަކެތި އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވެފައި، މި ދަނޑިވަޅުގައި ތެލާއި، ކާބޯތަކެއްޗާއި، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް" ކަމަށެވެ.
މި ނާޒުކު ދަނޑިވަޅުގައި ސަރުކާރުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާ މެދު މަޖިލީހުން ދެކޭގޮތް ހާމަކުރުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ.
މީގެއިތުރުން، ކުއްލި ހާލަތެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އެކަށީގެންވާ ޕްލޭނެއް އެކުލަވާލުމަށްވެސް ގަރާރުގައި އިލްތިމާސްކޮށްފައިވެއެވެ.


