މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެއްގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތެއްގެ އަލީގައި ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ފާސްކޮށް، ހައްޔަރުކުރެވުނު ދެ މީހުންނަކީ ތ. ގުރައިދޫ / މަންޒިލްގެ އަޙްމަދު ސަމާޙް (38އ) އާއި މާލެ / މ. ޑޭޒީގެ މުޙައްމަދު ޖުމައިލް (35އ) އެވެ.
ޖޫން 19 ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ގޭ ބަލާ ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 193.3 ގުރާމުގެ އެއްޗެހި ހޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ މައްޗަށް ކޯޓުން ވަނީ ދެ އަމުރެއް ނެރެފައެވެ. އެގޮތުން އަޙްމަދު ސަމާޙް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށާއި، މުޙައްމަދު ޖުމައިލް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރަމުންނެވެ.


