އެކި ފިހާރަތަކަށް ފޭކް ޓްރާންސްފަރ ސްލިޕް ފޮނުވައިގެން މުދާ ނަގައި، މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލައެއްގައި ދިވެއްސަކާއި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރުކުރި ދެ މީހުންނަކީ ގ. ސިނަމާލެ 1 05-13 ގޭގައި ދިރިއުޅޭ 28 އަހަރުގެ ޒައިދާން މުޙައްމަދު ހާޝިމް އާއި ބަންގްލަދޭޝްގެ 30 އަހަރުގެ އަފްރިން އަކްތަރެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާ އެކު މި މަހުގެ 17 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު ހުޅުމާލޭގެ ފިހާރައަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އެ ފިހާރައިން ބުނި ގޮތުގައި މެއި މަހުގެ އެކި ދުވަސްތަކުގައި ދޮގު ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން މުދާ ނަގާފައިވެއެވެ.
ފުލުހުންގެ ތަހުގީގުތަކުން ހާމަވި ގޮތުގައި ޒައިދާން ވަނީ މާލޭގެ އިތުރު ދެ ފިހާރައަކުން ވެސް ހަމަ މި އުސޫލުން މުދާ ނަގާފައެވެ. އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަށް މި މުދާތައް ވައްދާފައިވާކަން ވެސް ތަހުގީގުން ހާމަވިއެވެ. ފުލުހުން މި އެޕާޓްމަންޓުތައް ބަލައި ފާސްކުރުމުން މައްސަލައާ ގުޅުންހުރި ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ތަހުގީގުތަކުން ދައްކާ ގޮތުގައި ހުޅުމާލޭގެ ފިހާރައިން 36،467 ރުފިޔާގެ މުދަލާއި، މާލޭގެ އެއް ފިހާރައިން 31،150 ރުފިޔާގެ މުދަލާއި، އަނެއް ފިހާރައިން 5،817 ރުފިޔާގެ މުދާ ދޮގު ސްލިޕް ބޭނުންކޮށްގެން ނަގާފައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ޒައިދާން 15 ދުވަހަށް އަދި އަފްރިން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި ޒައިދާންގެ މައްޗަށް މިފަދަ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ދަނީ ކުރިއަށެވެ. އަދި އޭނާގެ މައްޗަށް ހުށަހެޅިފައިވާ އިތުރު ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ދަނީ ކުރިއަށެވެ.


