ސަރުކާރުން ތައުލީމަށް ކުރާ ހޭދައާ އެއްވަރަށް ނަތީޖާ ހާސިލް ނުކުރެވޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި 'މަތީ އަރުތަވެރިންގެ އިނާމު' ދިނުމުގެ ރަސްމިއްޔާތުގައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދައުލަތުން ތައުލީމަށް ހަތަރު ބިލިއަން ރުފިޔާ ހޭދަކުރާއިރު، ނަތީޖާ އެދެވޭ ވަރަށްވުރެ ދަށް ކަމަށެވެ. އަދި 2013 އާއި 2014 ވަނަ އަހަރުގެ ނަތީޖާއާ އަޅާބަލާއިރު ވެސް، އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 50 ޕަސެންޓަށް ފަސް މާއްދާއިން 'ސީ' ފާސް ވެސް ހާސިލު ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
"މިއިން އަޅުގަނޑުމެންނަށް މި އިނގެނީ ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަ ކުރަމުންދާއިރު، އަދި އަޅުގަނޑުމެންގެ ހީވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވާދިނުމަށް ވަގުތު ހޭދަކުރަމުން ގެންދަވާއިރު، އަދި ބެލެނިވެރިން ކުރާ މަސައްކަތާއެކުގައި، މިހުރިހާ މަސައްކަތެއް ގުޅިގެން ވެސް އަޅުގަނޑުމެން އެންމެ ދާން ބޭނުންވާ މަންޒިލަށް އަޅުގަނޑުމެންނަށް ވާސިލުނުވެވޭ," މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އޯ ލެވެލް އިމްތިހާނުން ގަދަ 10 އަށް ހޮވޭ ދަރިވަރުންގެ ތެރެއިން އޭ ލެވެލް އިމްތިހާނުން ގަދަ 10 އަށް ހޮވޭ ޕަސެންޓް ދަށްވަމުންދާކަން ފާހަގަކުރެއްވިއެވެ. މި އަހަރު އޯ ލެވެލްގެ ޓޮޕް 10 ގައި ހިމެނުނު 840 އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން އޭ ލެވެލްގެ ޓޮޕް 10 އަށް ވަދެފައިވަނީ އެންމެ 36 ޕަސެންޓް ދަރިވަރުން ކަމަށް ވިދާޅުވިއެވެ.
މި ހާލަތަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް މިނިސްޓަރު ފާހަގަކުރައްވައި، ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.


