ފެންޓެނޯއީ ގޭގައި ހިނގި ހައްވާ ޔުމްނު ރަޝީދު (21އ) ގެ ހާދިސާއާ ގުޅިގެން ކުރެވުނު ތަހުގީގަށް ދޮގު މައުލޫމާތު ދިނުމުގެ ސަބަބުން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން އަހުމަދު ދާއޫދު މަގާމުން ވަކިކޮށްފިއެވެ. ދާއޫދަކީ މި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތް ކަމުގައިވާ ރައުދުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
ރިޔާސީ ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދާއޫދު ވަނީ ތަހުގީގަށް ދޮގު މައުލޫމާތު ދީފައެވެ. އޭނާ ވަޒީފާއިން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދެވެ. ކުރިން ދާއޫދު އަދާކުރަމުން ދިޔަ ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޓީގެ ރައީސްކަމުން ވެސް، ޔުމްނުގެ މައްސަލަ ބޮޑުވުމާއެކު އިސްތިއުފާ ދީފައިވެއެވެ.
ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ދާއޫދު ވަނީ ހާދިސާ ހިނގި ދުވަހު މިނިސްޓަރު އިހުސާނާއެކު ގިނަ މުއާމަލާތުތަކެއް ކޮށްފައެވެ. އަދި ހާދިސާ ހިނގި ރޭ ރައުދާ ބައްދަލުކޮށް، ޔުމްނުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ގަބޫލުކުރެވޭކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ދާއޫދު ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވަނީ އެއްވެސް އިސް ފަރާތަކާ މުއާމަލާތު ކޮށްފައި ނުވާނެ ކަމަށެވެ.


