Tuesday, 28 July 2026

ސުޕްރީމް ކޯޓުން ވެސް ނިންމީ ޝައްމާން މިނިވަން ނުކުރަން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރަނގަޅު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ވަނީ ނިންމައިފިއެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއަކު މިނިވަންކުރުމަށްފަހު، އެ އިދާރާގެ މުވައްޒަފުންނާ ގުޅިގެން އެ ބިދޭސީގެ އަތުން 500،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ނަގައި، އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމުގެ ތުހުމަތުގައި އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޝަމްއާން އަދާކުރި މަޤާމުގެ ބާރާއި ނުފޫޒުގެ ސަބަބުންނާއި، ހެކިބަސް ދޭން ތިބި ފަރާތްތަކާ އޮތް ގާތް ގުޅުމުގެ ސަބަބުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވެފައިވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ދައުލަތުން ބުނާނަމަ، އެކަން ސާބިތުކޮށްދޭ ހެކި ހުށަހަޅަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި އޮތީ ހަމައެކަނި ދައުލަތުގެ ބުނުމެއް ކަމަށާއި، ޝަމްއާނާއި ހެކިވެރިންނާ ދެމެދު އޮތް ގުޅުމެއްވެސް ސާބިތުކޮށްދީފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް، ޝަމްއާން އެންމެ ފުރަތަމަ 15 ދުވަހަށް ބަންދުކުރި އަމުރަކީ ބާތިލުކުރަންޖެހޭ އަމުރެއް ނޫން ކަމަށް ތިން ފަނޑިޔާރުންވެސް އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި މި މައްސަލައިގައި ފާހަގަކުރެވޭ އެއް ކަމަކީ، ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމުގެ އިޚްތިޞާޞް އޮންނަ އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުން މި މައްސަލަ ކޯޓަށް ހުށަހެޅި ކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *