Tuesday, 28 July 2026

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް، ހިތްވަރު ދިނުމުގެ އިނާމު 10 ފަރާތަކަށް

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް މިއަދު ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މިއަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު، އިމާރާތް ކުރުމާއި ފަރުމާކުރުމުގެ ދާއިރާއިން އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލް، އަދި ޕަރފޯމިންގ އާޓްސްގެ ދާއިރާއިން އަލްމަރްޙޫމް މުޙައްމަދު މާޖިދުގެ ހަނދާނަށް އިނާމު ދެއްވިއެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި، ދިވެހިބަހާއި އަދަބިއްޔާތު، ޞިއްޙީ ދާއިރާ، އިޖުތިމާޢީ ރައްކައުތެރިކަން، ވިޔަފާރި، މަސައްކަތްތެރިކަން، އަދި އައި.ޓީ ދާއިރާގެ އިތުރުން އަންހެނުންގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތައް ހިމެނެއެވެ. މީގެ ތެރޭގައި އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުނިވެސް ހިމެނެއެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެއް ދެއްވާއިރު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެއް ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *