މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ދެއްކުމުގެ ނިޒާމު މިހާރު އޮތް ގޮތުން ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.
ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި މި ގަރާރުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މިހާރު ޖީއެސްޓީ ދައްކަން ޖެހެނީ އިންވޮއިސް ހަދާ ވަގުތުން ފެށިގެންނެވެ. ނަމަވެސް ގިނަ ފަހަރަށް އިންވޮއިސްތަކަށް ފައިސާ ލިބުމުގައި ލަސްތަކެއް ދިމާވެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.
"ވިޔަފާރިތަކަށް ފައިސާ ނުލިބި ވަނިކޮށް ޖީއެސްޓީ ދައްކަން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން. ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ،" މެންބަރު ނިއުޝާދު ވިދާޅުވިއެވެ.
ގަރާރުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ޓެކްސް ނުދެއްކިގެން ސަރުކާރުގެ މަސައްކަތްތައް ވިޔަފާރިތަކާ ހަވާލުނުކުރުމަކީ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ. މިކަމުގެ ސަބަބުން ވަޒީފާތައް ގެއްލި، އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުދެއްކި އެބައޮތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ކުރިން މި މައްސަލަ ހައްލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާތަނަށް އެ ފައިސާ ދޫކުރެވިފައެއް ނުވެއެވެ.


