ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުއުތަސިމް އަދުނާނަށް ގަނޑުކޮށް 500،000 ރުފިޔާއާއި އެކު މަހަކު 70،000 ރުފިޔާގެ އިތުރު އެލަވަންސެއް ދިނުމާމެދު ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދުމަށްފަހު، ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
މިހާރުގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ މިދިޔަ މެއި މަހު ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާފައެވެ. މި ނިންމުމާ ގުޅިގެން އެމަނިކުފާނަށް ދެއްވާނެ އިނާޔަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ގޮތްތަކެއް ނިންމުމުގެ މަސައްކަތް ކުރިއަށްދަނީއެވެ.
މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމުގައި، ރިޓަޔަރމަންޓް އެލަވަންސް ހިސާބުކުރުމުގައި އުއްތަމަފަނޑިޔާރުގެ ޚިދުމަތުގެ މުއްދަތުގެ ގޮތުގައި، ހަމައެކަނި ފަނޑިޔާރުކަމުގައި ހޭދަކުރެއްވި މުއްދަތުގެ ބަދަލުގައި، މުޅި ދައުލަތަށް ޚިދުމަތްކުރެއްވި މުއްދަތު ހިމެނުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ހިސާބުކުރުމުން، މިހާރު ގަނޑުކޮށް ލިބިވަޑައިގަންނަވަން އޮތް 185،100 ރުފިޔާގެ ބަދަލުގައި 493،600 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މީގެއިތުރުން، ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި ޑްރައިވަރެއްގެ މުސާރައާއި ޕެޓްރޯލް ޚަރަދު އަދި ލިވިންގ އެލަވަންސް ހިމެނޭގޮތަށް މަހަކު 70،000 ރުފިޔާ ދިނުމަށްވެސް ވަނީ ހުށަހެޅިފައެވެ. މި އެލަވަންސްތައް ދިނުމާމެދު ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދުމަށްފަހު، ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލުކުރުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ.


