Tuesday, 28 July 2026

އިއްޔެ ހުޅުލެ އާއި ދަރަވަންދުއަށް 54 މޭލުގެ ބާރުމިނުގައި ވައިޖެހުނު

އިއްޔެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވެފައިވާއިރު، އޭގެ ތެރެއިން އެންމެ ބާރުމިނެއްގައި ވައިޖެހުނީ ހުޅުލެ އާއި ބ. ދަރަވަންދުއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެގޮތުން މި ދެ ރަށަށް ވިލާގަނޑުގައި 54 މޭލުގެ ބާރުމިނުގައި ވައިޖެހުނު ކަމަށް އެ އޮފީހުގެ ރެކޯޑުތަކުން ދައްކައެވެ.

މޫސުމާބެހޭ އޮފީހުން ބުނާ ގޮތުގައި، އިއްޔެ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ގަދަ ވައި ޖެހުނެވެ.. މިގޮތުން ހދ. ހަނިމާދޫއަށް 50 މޭލުގެ ބާރުމިނުގައި ވައިޖެހުނު އިރު، ހދ. ކުޅުދުއްފުށި އަދި މަކުނުދޫއަށް 49 މޭލުގެ ބާރުމިނުގައި ވައިޖެހުނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެއަރޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ވެސް ދަތިތަކާ ކުރިމަތިވިއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކުޅުދުއްފުށީ އެއަރޕޯޓަށް ފުރި މޯލްޑިވިއަން ފްލައިޓެއް ވަނީ ވައިގަދަވުމުގެ ސަބަބުން ކުޅުދުއްފުށީގައި ޖެއްސުމަށް ނުކުޅެދި އަނބުރާ މާލެ އައިސްފައެވެ.

އަދި އިއްޔެ އިރުއޮއްސުނު ވަގުތު ހުޅުމާލެއަށް އައި ވަރުގަދަ ކޮޅިގަނޑުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ބައެއް ބޮޑެތި ގަސްތައް ވެއްޓި، މަގުމަތީގެ ބައެއް ތަކެއްޗަށް ގެއްލުން ލިބުނެވެ.

މޫސުމާބެހޭ އޮފީހުން މިއަދަށް ދީފައިވާ ލަފާގައި ބުނާ ގޮތުން، އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައިޖެހޭނީ ހުޅަނގު އަދި ހުޅަނގު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެންނަމަވެސް ދެކުނު ސަރަހައްދުތަކަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

އަދި މިއަދު ވިލާގަނޑުގައި 45 މޭލުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުސަތު އޮތް ކަމަށާއި، އުތުރު ސަރަހައްދުތަކަށް ވިއްސާރަވެ، މެދު ރާއްޖެތެރެއަށް ކެރީގެ އަސަރު ކުރާނެ ކަމަށް މޫސުމާބެހޭ އޮފީހުން ވަނީ އިންޒާރު ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *